c
މުޤައްދިމާ
ތަޢާރަފް:
މި އެސައިމަންޓަކީ ވިލާ ކޮލެޖްގެ، ފެކަލްޓީ އޮފް
އެޑިއުކޭޝަނަލް ސްޓަޑީސް ގައި ކިޔަވައިދެއްވަމުންދާ "އިސްލާމިކް
ސްޓަޑީސް" މި މާއްދާގެ ދަށުން ދެވިފައިވާ ދެ ސުރުޙީގެ ތެރެއިން
"ނަމާދުގެ ފައިދާ" އާ ބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ މަސައްކަތު
ކަރުދާހެކެވެ.
މަޢުޟޫ: އަޅުތަކުންގެ މައްޗަށް ނަމާދު
ފަރުޟު ކުރައްވާ އަދި އެނަމާދު ފުރިހަމަ ގޮތުގައި ޤާއިމު ކުރުމަށް އަމުރު ކުރެއްވި
މާތްﷲ ގެ މައްޗައް ޙަމްދު ހުއްޓެވެ. މުސްލިމުންނަށް ނަމާދު އޭގެ އެންމެ ފުރިހަމަ
ގޮތުގައި ކުރަން ދަސްކޮށްދެއްވި އެކަލާނގެ ރަސޫލާ މުހައްމަދު ޞައްލަށްﷲ އަލައިހި
ވަސައްލަމައަށާއި އެކަލޭގެފާނުގެ އެއްމެހާ ޢާލު އަސްޙާބުންނަށް ޞަލަވާތާއި ސަލާމް
ހުއްޓެވެ. އަދި ޤިޔާމަތާއި ހަމައަށް މިއަޅުކަން އަދާކުރަމުންދާ އެންމެހާ
މުސްލިމްތަކުން މިޞަލަވާތުގައި ޝާމިލުކުރަމެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނާ ޙަލްޤު ކުރައްވާ ދުނިޔެއަށް ފޮނުއްވެވީ
ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިންކަމީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ
މުސްލިމަކުވެސް ޤަބޫލު ކުރަންޖެހޭ ހަޤީގަތެކެވެ.ﷲ ތަޢާލާ އިންސާނާ ހައްދަވައި
ދުނިޔެއަށް ފޮނުއްވުމުގެ އެންމެ މަތިވެރި ސަބަބަކީ، ގިނަގިނައިން އެކަލާނގެ
ރަސްކަންފުޅު ހަދުމަކޮށް އެކަލާނގެއަށް އަޅުކަންކުރުމެވެ.
މިގޮތުން މާތްﷲ އަޅަމެންނަށްވަނީ ޤަދަރު އުފުލިގެންވާ ވަރަށް މުހިއްމު
ރުކުނެއް ދެއްވާފައެވެ. މާތްކަމާއި މަތިވެރިކަން ދެއްވާފައިވާ މި މުހިއްމު ރުކުނަކީ،
އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ "ނަމާދު" އެވެ.އެއީ
ޝަރުތުތަކަކާއި، ރުކުންތަކެއް، އަދި ފަރުޞުތަކަކާ ސުންނަތްތަކެއް އެކުލެވިގެން
ފުރިހަމަ ކުރެވޭ އަޅުކަމެކެވެ. ނަމާދު
ޤާއިމު ކުރުމުގެ ސަބަބުން އަޅުތަކުންނަށް މަތިވެރި އަޙްލާޤެއް ލިއްބައިދިނުމާއި،
ރިޒުޤު ތަނަވަސް ކޮއްދިނުމަށް މަގުފަހި ކޮއްދެއެވެ. ތިމާގެ އުޅުން އިޞްލާޙުކޮށްދީ،
ދިރިއުޅުން ބާއްޖަވެރި ކޮށްދެއެވެ.އަދި އެހެންމެ މި މަތިވެރި އަޅުކަމަކީ ސުވަރުގެ
ޔަޤީން ކޮއްދީ، ތިމާގެ ދަރަޖަ އުފުއްލައިދޭ ޢަމަލެކެވެ. ( އަހްމަދު ނާޛިލް
މުހައްމަދު، 2013)
ނަމާދަކީ ވަރަށްގިނަ ފައިދާ ތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ.
އޭގެތެރޭގައި ރޫޙާނީ، ސިއްޙީ، އިޖުތިމާޢީ އަދި އަޚްލާޤީ ފައިދާތައް ހިމެނެއެވެ.
މައިގަނޑު ގޮތެއްގައި އަޅުގަނޑުގެ މިމަސައްކަތުގައި އަލިއަޅުވާލާނީ އިސްވެބަޔާން
ކުރެވުނު ނަމާދުގެ ފައިދާތަކަށެވެ.
މަޤްޞަދު: މިމަސައްކަތުގެ
މަޤްޞަދަކީ އިސްލާމްދީނުގެ ތަނބު ކަމުގައިވާ ނަމާދުގެ މުހިއްމުކަމާއި،
އެޢަމަލުގައި އެކުލެވިގެންވާ ފައިދާތައް ދެނެގަނެ އެކަންތައްތައް ވީހާވެސް
ގިނަބަޔަކަށް އަންގައިދީ މިފަދަ މަތިމެރި ޢަމަލެއްގެ މަތީގައި ދެމިހުރުމަށް
ހަނދާންކޮށްދީ، ނަޞޭހަތްތެރިވުމަށާއި، އަޅުގަނޑުގެ
އަމިއްލަ ނަފްސުވެސް މިއަޅުކަމަށް އަހުލުވެރި ކުރުވުމެވެ.
ނަމާދުގެ ތަޢާރަފް
ނަމާދުގެ މާތްކަމާ އޭގެ ފައިދާތަކުގެ
ވާހަކަތަކުގެ ކުރީގައި ނަމާދުގެ މާނައާއި ތާރީޚީގޮތުން ފަރުޟު ފަސްނަމާދު
ފަރުޟުކުރެއްވުނުގޮތާއި އަދި އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ މަޤާމް މި
މަޒްމޫނުގެ މުޤައްދިމާއެއްގެ ގޮތުގައި ބަޔާންކޮށްލާނަމެވެ.
ނަމާދުގެ މާނަ:
އާދެ އަރަބިބަހުން ނަމާދަށް ބޭނުންކުރަނީ
"އައްޞަލާތި" މިކަލިމައެވެ. މިބަހުގެ ލުޣަވީ މާނައަކީ ދުޢާއެވެ. ނުވަތަ
ދުޢާކުރުމެވެ. މިކަން ބަޔާކުރައްވާ މާތް ﷲ ކީރިތި ޤްރުޢާނުގެ ތަޢުބާ ސޫރަތުގެ 103
ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ "އަދި
ކަލޭގެފާނު އެބައިމީހުންނަށް ދުޢާކޮށްދެއްވާށެވެ. އެހެނީ ހަމަކަށަވަރުން
ކަލޭގެފާނުގެ ދުޢާއަކީ އެއުރެންނަށް އޮތް ހިތްހަމަޖެހުމަކާއި ރަޙްމަތެކެވެ." (އިބްރާހިމް
ރަޝީދު މޫސާ،2009 )
ޝަރުޢީގޮތުން ބަލާއިރު އިސްލާމްދީނުގެ ޢިލްމުވެރިންގެ އިޞްޠިލާޙުގައި
ނަމާދުގެ މާނައަކީ، ތަކްބީރަކުންފެށޭ އަދި ތަސްލީމަކުން (ސަލާމްދިނުމަކުން) ނިމޭ
ނިޔަތަކާއެކުގައިވާ ޚާއްޞަ ބަސްތަކަކާއި ޢަމަލު (ކަންތައް) ތަކެވެ.
އިސްލާމްދީނުގައި
ނަމާދުގެ މަޤާމް
އިސްލާމްދީނުގައި ޝަހާދަތުގެ
ދެކަލިމައަށްފަހު ދެން އެންމެ މަތިވެރި ރުކުނަކީ ނަމާދެވެ. މާތްﷲ ބާވާލެއްވި
އެހެނިހެން ރިސާލަތްތަކުގައިވެސް ނަމާދު ޝަރްޢު ކުރެއްވިއެވެ. ނަމާދަކީ އިސްލާމް ދީނުގައި ފުރަތަމަ ފަރުޟުކުރެއްވި
އަޅުކަމެވެ. މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންގެ މައްޗަށް ނަމާދު
ފަރުޟުކުރެއްވީ އިސްރާއާއި މިޢުރާޖުގެ މަތިވެރި ރޭގައެވެ. ހަތްވަނަ އުޑުމަތީގައި
ސިދްރަތުލް މުންތަހާ ކައިރީގައެވެ. އެއްވެސް ވާސިޠާއެއް ނެތި ސީދާ އެކަލާނގެ
މަތިވެރި ޙަޞްރަތުން ބަސްވަޙީ ކުރައްވައި ފަރުޟުކުރެއްވި ހަމައެކަނި އަޅުކަމަކީ
ނަމާދެވެ. (މުހައްމަދު އިބްރާހިމް،2009)
އިސްލާމްދީނުގައި އެހެން އެއްވެސް
އަޅުކަމަކަށް ނުދެއްވާފަދަ މަޤާމެއް ނަމާދަށް ދެވިފައިވެއެވެ. ކީރިތި ރަސޫލާ
މުހައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ ނަމާދަކީ
ދީނުގެ ތަނބު ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވަނީ ނަމާދުއެޅުމަކީ ދީން
މުގުރާލުން ކަމުގައެވެ. އަދި ކީރިތި ރަސޫލާގެ އެހެން ހަދީ ޘްއެއްގައި ވެއެވެ. [أول ما يـحاسب عليه
العبد يوم القيامة الصلاة فإن صلحت صلح سائر عمله، وإن فسدت فسد سائر عمله]
(الطبراني). މާނައަކީ: "ޤިޔާމަތްދުވަހު އަޅާއާއިމެދު އެންމެ ފުރަތަމަ
ޙިސާބު ބެއްލެވޭނީ ނަމާދާއި މެދުގައެވެ. ފަހެ އެނަމާދުގެ އިމްތިޙާނުން އޭނާ ފާސްވެއްޖެނަމަ
ދެން އޭނާގެ އެހެން ހުރިހާ ކަމެއް އޮންނާނީ ރަގަޅަށެވެ. އަދި އެނަމާދުގެ
އިމްތިޙާނުން އޭނާ ފާސްނުވެއްޖެނަމަ އޭނާގެ އެހެން ހުރިހާކަމެއް އޮންނަނީ
ގޯސްކޮންނެވެ". (މުހައްމަދު އިބްރާހިމް،2009)
ޤިޔާމަތްދުވަހު އިންސާނާގެ ޢަމަލުތަކުގެ
ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ އަޅުކަމަކީވެސް ނަމާދެވެ. އެކަލޭގެފާނު
ސުވަރުގެ ވަޑައިގަންނަވަމުން އެންމެ ފަހުން މިއުއްމަތުގެ މީހުންގެ މައްޗަށް
ކުރެއްވި ވަސިއްޔަތަކީވެސް ނަމާދެވެ.
ނަމާދުގެ ފައިދާ
ނަމާދަކީ ވަރަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ
މަތިވެރި އަޅުކަމެކެވެ.މިއަޅުކަމަކީ އިންސާނާއަށް ﷲގެ ރަސްކަންފުޅު މަތި
ހަނދާންކޮށްދީ، އެކަލާނގެ ޢަޒާބަށް ބިރުވެތިކުރުވާ އަދި ޘަވާބަށްއެދި
މަސައްކަތްކުރުމަށް ބާރުއަޅާ ޢަމަލެކެވެ. މާތް ﷲއާއި އިންސާނާ ގުޅުވައިދެނީވެސް
ނަމާދެވެ. ނަމާދުގެ ސަބަބުން އިންސާނާއަށް
ރޫޙާނީ، އަޚްލާޤީ، އިޖުތިމާޢީ އަދި ސިއްޙީ
ފައިދާތައް ލިއްބައިދެއެވެ.
ނަމާދުގެ ބައެއް
އަޚްލާޤީ ފައިދާތައް
މާތްވެގެންވާ އިސްލާމް ދީނަކީ އެންމެ ފުރިހަމަ
އަޚްލާޤީ ރިވެތި ސިފަތައް އެކުލެވިގެންވާ މަތިވެރި ދީނެވެ. އެންމެހައި ނޭދެވެ،
މުޑުދާރު ޢަމަލުތަކުން އިންސާނާގެ ނަފްސު ޠާހިރުކުރުމަށް އިސްލާމްދީން އަމުރުކޮށް
ބާރުއަޅެމުގެ އަސްލަކީ ﷲ ތަޢާލާގެ ރުއްސެވުމާއި އެކަލާނގެއަށް ކުއްތަންވުމުގެ
ނަސީބު ލިބިގަތުމެވެ. ހެޔޮގޮތުގައި އިޙްލާސްތެރިކަމާއެކު ނަމާދުގެ ސަވާބުލިބުން
އަދި ފަރުޟު ފަސްނަމާދު އަދާކުރަން އޮންނަ ގޮތަށް ބަރާބަރަށް އަދާކުރާނަމަ އޭގެ
ބަރަކާތުގައި މާތް ﷲ އެމީހާ ފާޙިޝް ކަންތައްތަކާއި ނުބައި މުންކަރާތްތަކުން
ދުރުހެލިކޮށް ތިމާގެ ނަފްސު ސާފްޠާހިރުކޮށްދެއްވައެވެ. މިކަމަށް އިޝްރާތްކުރައްވާ
މާތްﷲ ވަޙީކުރައްވަނީ: [وأقم الصلاة إنّ
الصلاة تـنهى عن الفحشاء والـمنكر] (العنكبوت: 45). މާނައަކީ: "ކަލޭގެފާނަށް ބާވާލެއްވުނު ޤުރްއާން ކިޔަވާ ވިދާޅުވާށެވެ.
އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަވަރުން ނަމާދު ފާޙިޝް ކަންތައްތަކާއި
މުންކަރާތްތައް ނަހީކުރެއެވެ". (އިސްމާޢިލް
މަޢުރޫފް، 2006 )
މިއާޔަތުން
ދޭހަކޮށްދެނީ، މާތްﷲއަށް ބިރުވެތިވެހުރެ ފަރުޟު
ފަސްނަމާދު ބަރާބަރަށް އަދާކުރާމީހާ، ފާޙިޝް ކަންތައްތަކާ މުންކަރާތްތަކުން ސަލާމަތްކުރެއްވިގެންވަނީނަމަ މާތްﷲގެ
އިރާދަފުޅުން އޭނާ، އެފަދަ އަމަލުތަކެއް ނުކުރާނެއެވެ. އަދި ކީއްތޯއެވެ؟ އޭނާވާނީ އެފަދަ އަމަލުތަކާއި ދުރުހެލި ކުރެއްވިގެނެވެ.
އެހެންކަމަށްވާނަމަ އޭނާއަށް ކުރެވެމުންދާނީ މުޅިންވެސް ހޮޔޮ ކަންތައްތަކެވެ.
އެހެނީ އޭނާގެ ނަފްސުވަނީ ބަދު އަޚްލާޤީ ސިފަތަކުން ޠާހިރުކޮށްދީ އެފަދަ ނުރަނގަޅު
ޢަމަލުތަކުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވާފައެވެ. އަދި ނަމާދު
ޤާއިމުކޮށް އެކަމުގައި ދެމިހުހުރުމުން އޭނާގެ ޝުޢޫރަށް (ޟަމީރަށް) ދިރުންލިބި،
ހިތްހަމަޖެހުން ލިއްބައިދީ، ފަރުޟު އަދާކުރުމުގެ އިތުރުން އިސްލާމްދީނުގެ އެހެނިހެން ވާޖިބުތަކާއި
ސުންނަތްތަކާއި އެހެން ހެޔޮޢަމަލުތަކާ ދިމާލަށް އޭނާގެ ހިތްޖައްސުވައެވެ. (އިސްމާޢިލް
މަޢުރޫފް، 2006 )
ނަމާދުގެ ބައެއް
ރޫޙާނީ ފައިދާތައް
މާތްﷲ އަށް ކުއްތަންވެ ނަމާދުއޭގެ ފުރިހަމަ
ގޮތުގައި ޤާއިމުކުރުމަކީ އެއިންސާނެއްގެ އީމާންތެރިކަން ވަރުގަދަވެ،
ޤިޔާމަތްދުވަހުގައި އަރުޝީގެ ހިޔާވަހިކަން ލިބުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ.
އަދި މިއަޅުކަމަކީ ﷲ ތަޢާލާއަށް މުނާޖާ ދަންނަވައި ތިމާއަށް ކުރެވިފައިވާ ނޭދެވޭ
ޢަމަލުތަކާއި ކުށްފާފަތަށް ހަނދުމަކޮށްދީ އެކަމަށް ތަޢުބާވެ ޢަފޫކޮށްދެއްވުމަށް
އެދި ދަންނަވާ ދެންނެވުމެކެވެ، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. މާނައީ:
"މީހަކު ނަމާދަށް ހުންނައިރު އޭނާވަނީ، އޭނާގެ ވެރި ރަސްކަލާނގެއަށް މުނާޖާ
ދެންނެވުމުގައެވެ." (ޑޮކްޓަރ އަބްދުއް ސައްތާރު އަބްދުއް ރަޙްމާން، 2009 )
ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާ ކުރާ
މީހުންގެ ހިތްތަކުގައި އީމާންކަންވަނީ އާރާސްތުވެފައެވެ. އެބައިމީހުން ދުނިޔަވީ
ކަންތައްތަކާމެދު ހާސްވެ ކަންބޮޑުވާކަށް ނުޖެހެއެވެ. ނަފްސާނީ ގޮތުންނާއި ރޫޙާނީ
ގޮތުން އެފަދަ މީހުންގެ ހިތްތައް ހަމަޖަހުމުގެ ސަބަބުން ކިތަންމެބޮޑު ދެރަކަމެއް
މެދުވެރިވި ކަމުގައިވިއަސް ހާސްވުމާއި ކަންބޮޑުވުމެއްނެތި، ހިތްވަރާއެކު އެކަމަކާ
ކުރިމަތިލުމުގެ ޤާބިލުކަން ލިއްބައިދެއެވެ.
ނަމާދުގެ ބައެއް އިޖްތިމާޢީ
ފައިދާތައް
ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ
އަޅުކަމަކަށްވާތީވެ، އެނަމާދެއް އެނަމާދެއްގެ ވަގުތުގައި ކުރުން
ލާޒިމުވެގެންވެއެވެ. އެހެންކަމުން މިޢަމަލަކީ ވަގުތަށް ކަމޭހިތަން ދަސްކޮށްދީ އަދި
ވަރަށް ބޮޑަށް ސާފުޠާހިރު ކަމަށް ބާރުއަޅާ އަޅާއަޅުކަމެކެވެ. ޖަމާޢަތުގައި ނަމާދު
ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.ރަސޫލުއްﷲ
ގެ ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެކަހެރިވެކުރާ ނަމާދަށްވުރެ
ޖަމާޢަތުގައި ކުރާ ނަމާދުގެ ހަތާވީސް ދަރަޖަ އިތުރުވެގެންވެއެވެ." (މުހައްމަދު
އިބްރާހިމް،2009)
މިބަސްފުޅުން ދޭހަވަނީ ޖަމާޢަތުގައި ނަމާދު ކުރުމުގެ
ޙިކުމަތްތެރިކަމެވެ. ޖަމާޢަތުގެ ސަބަބުން
މީސްތަކުން އެކަކުއަނެކަކަށް ފެނިދެނިވެ، އުޚްވަތްތެރިކަމާއި އިޖްތިމާޢީ ގުޅުން އާލާވެއެވެ. މީސްތަކުންގެމެދުގައި
ހަމަހަމަކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު އުފެދި އެކަކުއަނެކަކަށް
އޯގާތެރިވެ، އިޙްތިރާމްކުރަން ދަސްވެއެވެ. ވެރިންނަށް ކިޔަމަންވުމާއި އަމުރަށް
ތަބާވާން ބާރުއަޅައެވެ. ނަސްލީ ތަފާތުކުރުމެއްނެތި، އެކަކުކު އަނެކަކަށް
އެހީތެރިވެދީ، ހަރުދަނާ ފަރުދުންތަކެއް ބިނާކޮށްދެއެވެ.
ނަމާދަކީ
ތިމާގެ ހަށިގަނޑާ، ހިތާއި ރޫޙް ﷲއަށް ޚާލިސްކޮށްގެން ކުރެވޭ އަޅުކަމެކެވެ.
އެކަމުގެ ސަބަބުން މާތް ﷲގެ ކުޅަދުންވަންތަކަމާއި، މަތިވެރިކަން
އިޙްސާސްކުރުވައެވެ. ތިމާގެ ނިކަވެތިކަމާއި ބަލިކަށިކަން ހިތައް ތަޞައްވަރުކުރުވާ،
އެކަލާނގެއަށް ބިރުވެތިކުރުވާ، ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަން ނައްތާލާ،
ދިރިއުޅުން ވަކި އުޞޫލެއްގެ މަތިން ތަރުތީބުކުރުމަށް ދަސްކޮށްދެއެވެ.
ފަޤީރުންނަށް އެހީތެރިވުމާ ނިކަމެތިންނަށް
އަޅާލުމާ މެހްމާނުންނަށް ކަމޭހިތުމާ ދޭދޭ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައި
އުފެދިފައިވާ ހަމަނުޖެހުމާ އަދާވާތްތެރިކަން ފިލުވާލުމާ އަދި މިފަދަ ކޮންމެ
ކަމަކީވެސް ފަރުޟު ފަސްނަމާދު ހެޔޮގޮތުގައި ވަފާތެރިކަމާއެކު ދަރުމައާއި
ލާބައެދިގެން ކުރެވޭނަމަ ސަވާބުލިބޭނެ ކަންތައްތަކެވެ. (ޑޮކްޓަރ އަފްރާޝީމް އަލީ،2010 )
ނަމާދުގެ ބައެއް ޞިއްޙީ
ފައިދާތައް
ނަމާދަކީ އޭގައި ވަރަށް ގިނަގުނަ ޞިއްޙީ
ފައިދާ ތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. ހިނައިގަތުމާއި ނުވަތަ ވުޟޫއާއި ނުލާ
ނަމާދު ޞައްޙައެއް ނޫނެވެ. މިދެކަމަކީ ޞިއްޙީ އެތައް ފައިދާއެއް ހިމެނިފައިވާ
ކަމެކެވެ. ފަރުޟު ފަސްނަމާދު
ޤާއިމްކުރުމީހެއްގެ ހަށިގަނޑާއި ދެއަތްތިލަ ދުވާލަކުފަސްފަހަރުގެ މަތިން ސާފުތާހިރުކުރެވެއެވެ.
އެހެންކަމުން ދާހިއްލުމުގެ ސަބަބުން ހިފާފައި ހުންނަ ނުބައިވަހާއި ހަށިގަނޑުގައި
ހަރުލާފައިވާ ހިރަފުސްފަދަ ޖަރާސީމުތަކުން
ރައްކާތެރި ކޮށްދީ ބަލިތަކުން ދިފާޢުކޮށްދެއެވެ.
ގިނަޑޮކްޓަރުން ވިދާޅުވާގޮތުން ހަށިގަނޑަށް
އެންމެ ފައިދާ ހުރި ކަސްރަތަކީ، ވަގުތު ކަނޑައެޅިގެން، ލުއިލުއިކޮށް ވަކި
އުޞޫލުތަކެއްގެ މަތިން، ކޮންމެދުވަހަކު ތަކުރާރުކޮށްކުރާ ކަސްރަތެވެ. ނަމާދަކީ
މިކަމަށް އެންމެ އެކަށީގެންވާ ފައިދާ ބޮޑު
އަޅުކަމެވެ. ނަމާދުގައި ހިމެނޭ ޙަރަކާތް ތަކުގެ ސަބަބުން އިންސާނާގެ ޖިސްމާނީ
ހަށިގަނޑަށް ކަސްރަތު ލިއްބައިދެއެވެ. އިންސާނާ ސަޖިދަކުރާ ވަގުތަކީ ހަމައެކަނި
ސިނކުނޑިއަށްވުރެ ހިތް ތިރިވާ ވަގުތެވެ.އެހެންކަމުން ރުކޫޢާއި ސަޖިދައިގެ ސަބަބުން
ސިކުނޑީގެ ލޭހޮޅިތައް ސާފުކޮށް ރައްކާތެރިކޮށް، ލޭނާރުތައް ރަނގަޅަށް މަސައްކަތްކުރުވައެވެ.
މިކަމަކީ އިންސާނާ ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް އެހީތެރިވެދޭކަމެކެވެ. އަދި
ލޭހޮޅިތައް ބަންދުވެ ފަޅައިގެން ދިއުމުގެ ސަބަބުން ޖެހޭ އެތަކެއް ބަލީން
ސަލާމަތްވެއެވެ. (ޑޮކްޓަރ އަބްދުއް ސައްތާރު އަބްދުއް ރަޙްމާން، 2009 )
އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ
ދިރާސާއަކުން ހާމަވާގޮތުން ނަމާދުގައިވާ ޤިޔާމާއި ރުކޫޢާއި ސަޖިދައިގެ ސަބަބުން
މައިބދައާއި ހުޅުތަކުގެ ރިހުން ކުޑަކޮށްދެއެވެ. އަދި މުސްކުޅިވުމުގެ ސަބަބުން
ހުޅުތަކުގެ ކޮޅުގައިވާ މަޑުކަށި ހިކި، ހަލާކުވުމުން ސަލާމަތް ވުމަށް އޮތް
ހައްލަކީވެސް ނަމާދެވެ. ނަމާދަކީ ކަންނެތްކަން ފިލުވައިދީ ހަށިގަނޑާއި ހިތާއި ރޫޙް
ތާޒާކޮށްދޭ އަޅުކަމެކެވެ.
ނަމާދުއެޅުމުގެ
ޙުކުމް
ފަރުޟު ފަސްނަމާދަކީ ކޮންމެ
މުކައްލަފަކުވެސް އަދާކުރަންޖެހޭ ޢައިނިއްޔަ ފަރުޟެކެވެ. ނަމާދު ފަސްކުރުމުގެ އޮތީ
ދެޢުޛުރެވެ. އެއީ ނިދުމާއި ހަނދާންނެތުމެވެ. އެއްވެސް ޢުޛުރަކާނުލައި ނަމާދު
އެޅުމަކީ ހުއްދަކަމެއް ނޫނެވެ.ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅެއްގައިވެއެވެ.
މާނައީ: "އަހަރެމެންނާއި އެބައިމީހުންނާ (މުނާފިޤުންނާއި) ދެމެދުގައިވާ
އަޙުދަކީ ނަމާދެވެ. އެނަމާދު އަޅައިފިމީހާ ކާފިރުވެއްޖެކަން ކަށަވަރެވެ." (މުހައްމަދު
އިބްރާހިމް،2009)
ދީނުގެ
ޢިލްމުވެރިން އިއްތިފާޤުވާގޮތުގައި، ނަމާދިކީ ރުކުނެއްކަމަށާއި އެނަމާދު
ޤާޢިމްކުރުމަށް އިންކާރުކޮށް ދެކޮޅުހަދާމީހަކީ ކުފުރުވެރިވެ، މުރުތައްދުވެފައިވާ
މީހެކެވެ. އެފަދަމީހާއަށް ތަޢުބާވެ ދީނަށް އެނބުރި ރުޖޫޢަވުމަށް ނަޞޭހަތްތެރިވާން
ޖެހެއެވެ. އަދި އޭނާ ތަޢުބާ ނުވެއްޖެނަމަ ޝަރުޢީ ޙުކުމަކަށްފަހު
ޤަތުލުކުރަންޖެހެއެވެ. ނަމާދަކީ ރުކުނެއް ކަމަށް ޤަބޫލުކޮށް އެނަމާދުއަޅާމީހަކީ
ފާސިޤެކެވެ. މިފަދަމީހަކަށް އޮތް ގޮތަކީ ތަޢުބާވެ އެނަމާދުތައް ޤަޟާކުރުމެވެ.
އެކަންނުކޮށްފިނަމަ އެމީހަކަށްވެސް އޮތް ޙުކުމަކީ ޤަތުލުކުރުމެވެ. ފަރުޟު ފަސްނަމާދު
ފުރިހަމައަށް އަދާކުރާމީހަކަށް ތާއަބަދަށް ﷲ ތަޢާލާގެ މަދަދާއި ރައްކާތެރިކަން ލިބިގެންވެއެވެ. އަދި
ނަމާދުޤާއިމު ނުކޮށް އެނަމާދަށް ފަރުވާކުޑަކުރާ މީހާއާއެކު ޝައިޠާނަކު
ލެއްވިގެންވެއެވެ. (މުހައްމަދު އިބްރާހިމް،2009)
ޙުލާސާ (ނިންމުން)
އިސްވެބަޔާންކުރެވުނު،
ކީރިތި ރަސޫލާގެ ޙަދީސްފުޅުގައި ބަޔާންކުރައްވާފައިވާ ފަދައިން ޤިޔާމަތްދުވަހުގެ
ހިސާބުބެއްލެވުމުގެ ތެރޭގައި މީހަކު އޭނާގެ ނަމާދުގެ ކަންތައްތައްތަކުން
ފަސޭހަވެއްޖެނަމަ އެހެންހުރިހާ ކަމެއްވެސް
ރަގަޅުވާނެކަމަށް ވިދާޅުވެފައިވާ ބަސްފުޅާ މިތަނާ ގުޅެނީ މިހިސާބުންނެވެ. މީގެ
އިތުރުންވެސް ފަރުޟު ފަސްނަމާދު އަދާކުރާ މީހެއްގެ ހަށިގަނޑުގައި ހުންނަ ހުރިހާ
މިލަ ފެނުން ދޮވެގެން ފިލުވާލެވޭ ފަދައިން އޭނާގެ ފާފަތައް ފުއްސަވައިދެއްވާ
އަޅުކަމެއްކަމުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައިވެއެވެ.
އަދިވެސް މިމާނައިގައި އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ. [الصلوات
الخمس يـمحوا الله بـها الـخطايا] (متفق عليه) މާނައަކީ: "ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރާމީހާއަށް ކުރެވޭ
ކުދި ފާފަތައް މާތްﷲ އެނަމާދުގެ ބަރަކާތުގައި ފުއްސަވައިދެއްވައެވެ". (މުހައްމަދު
އިބްރާހިމް،2009)
އަޅުގަނޑުމެންގެ
ތެރެއިން ގިނަމީހުން ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. އެހެންވީމާ،
ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ އެނަމާދު އަދާކުރުމުގައި އިޙްލާސްތެރިކަމާއި
އޭގެ ސަވާބާއި ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބުމުގެ ނިޔަތުގައި ކުރެވޭ
ކަމަކަށް ހެދުމަކީ ވަރަށް މުހިއްމުކަމެކެވެ. ނަމާދުގެ ހަޤީޤީ ލައްޒަތު
ހާޞިލްކުރުމަށްޓަކައި ނަމާދު ރަނގަޅަށް ކުރަން ދަސްކުރަންޖެހެއެވެ. (އައްޝައިހް
އިލްޔާސް ހުސައިން، 2008)
ނަމާދު އެކުލެވިގެންވަނީ ހަށިގަނޑުން ކުރެވޭ
ޙަރަކާތްތަކަކާއި، ދުލުންކިޔޭ ބަސްތަކާއި ހިތުގެ ޢަމަލުތަކެކެވެ.
ޤިޔާމުގައިހުރުމާއި، ރޫކޫޢުސުޖޫދު ކުރުމާއި، އިށީދެއިނުންފަދަ ކަންތަކަކީ
ހަށިގަނޑުގެ ޙަރާކާތްތަކެވެ. ތަކްބީރުކިޔުމާއި ދުޢާކުރުމާއި ޤުރުޢާންކިޔެވާ
ހެދުމަކީ ދުލުން ކިޔޭ ބަސްތަކެވެ. ﷲއަށް ހިތްނިޔަތް ޚާލިޞްކޮށް، ޚުޝޫއަތްތެރިކަމާއި މަޑުމައިތިރިކަމާއެކު
އެކަލާނގެ އަޛާބަށް ބިރުވެތިވެ، ފާފަފުއްސެވުން އެދި ދެންނެވުމަކީ ތިމާގެ ހިތް
އެންމެހާ ވަސްވާސްތަކުން ރައްކާތެރިކުރާ ހިތުގެ ޢަމަލުތަކެވެ. އަޅުގަނޑުމެން
މަސައްކަތްކުރަންވީ މިކުރާނަމާދުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށެވެ.
ނަމާދަކީ ސުވަރުގޭގެ ތަޅުދަނޑި ކަމުގަ ރަސޫލުﷲގެފާނު
ޙަދީޘް ކުރައްވާފައިވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ލޮލުގެފިނިކަން ކަމުގައި ނަމާދު
ހެއްދެވިއެވެ. އެންމެހައި މުސްލިމްތަކުން ޝައިތާނާގެ ވަސްވާސްތަކުންނާއި ދުންޔަވީ
ނުބައި ޢަމަލުތަކުން ރައްކާތެރިކަން ހޯދަންވީ ނަމާދުންނެވެ. އަޅުގަނޑުގެ ދުޢާއަކީ
ﷲ ތަޢާލާއަށް ބިރުވެތިވެ، އެކަލާނގެއަށް ފުރިހަމައަށް އީންމާންވާހާލު ދީނުގެ
އެންމެހާ ޙުކުމްތަކަށް ބޯލަނބައި ކިޔަމަންތެރިވެ، ނަމާދު އެންމެ ފުރިހަމައަށް
އަދާކޮށް، ސުވަރުގެއަށް ވާޞިލްވުމުގެ ތަވްފީޤް އެންމެހާ މުސްލިމްތަކުންނަށް ދެއްވުމެވެ.
ޢާމީން. ވައްﷲ ޢަޢުލަމް
ރިފަރެންސް:
އިބްރާހިމް ރަޝީދު މޫސާ، ފަސޭހަ ފިޤްހް، ފެބްރުއަރީ 2009
އަޙްމަދު ނާޛިލް މުހައްމަދު، ނަމާދު،
މަތިވެރި ރުކުން: ޚުތުބާ، އެޕްރީލް 2013
އިސްމާޢިލް މަޢުރޫފް އިސްލާމީ
ތަރުބިއްޔަތު: ގްރޭޑް 9، 2006
މުހައްމަދު އިބްރާހިމް، ކިތާބުއް
ޞަލާހް، މާރޗް 2009
ޑޮކްޓަރ އަބްދުއް ސައްތާރު އަބްދުއް
ރަޙްމާން، މޫސާ ނިޒާރު އިބްރާހިމް، އަޙްމަދް ފަހުމީ ދީދީ، އިސްލާމީ ތަރުބިއްޔަތު:
ގްރޭޑް 8، 2009
އަފްރާޝީމް އަލީ، ނަމާދުގެ
މާތްކަމާއި އޭގެފައިދާ، 2010\
އިލްޔާސް ހުސައިން، ނަމާދު
ބިބިލިއޮގްރަފީ:
އިބުން އަލް ޤައްޔޫމް، ހިއުމެއިނިޓީ
އިން ޕްރޭޔަރ، 2003
އުޘްމާން އަބްދުއްﷲ، ނަމާދު: ދަރުމަ،
އޮގަސްޓް ،2004
އިސްމާޢިލް ނާޖީ، ނަބިއްޔާ ޞައްލައްﷲ
ޢަލައިހި ވަސައްލަމް ނަމާދު ކުރެއްވި ގޮތުގެ ޚުލާޞާ
ޢަލީ އަޙްމަދު، ނަމާދާއި ރޯދައިގެ
ޙަޤީޤަތް: ދަރުމަ، މެއި 2005
http://www.whyislam.org/submission/five-pillars-of-islam
0 comments :
Post a Comment